ފެށުން
ތަޢާރަފު
މި ފޮތަކީ ކިތާބުލް މުޤައްދަސްގައި ބަޔާން ކުރައްވަފައިވާ އެންމެ ފުރަތަމަ ފޮތެވެ. މި ފޮތަކީ ފެށުމެވެ. ސަބަބަކީ މި ފޮތުގައި ބަޔާން ކުރައްވާފައި ވަނީ ކާއިނާތުގެ ފެށުމާއި، އިންސާނީ ޙަޔާތު ނުވަތަ އިންސާނީ ދަރިފަސްކޮޅުގެ ފެށުމާއި އަދި ބަނީއިސްރާއީލުގެ ދަރިކޮޅުގެ ފެށުން ވެސްމެއެވެ.
މި ފޮތުގެ ފުރަތަމަ ބައި 1 ވަނަ ބާބުން 11 ވަނަ ބާބާއި ހަމައަށް ބުނެދީފައި ވަނީ ޚަލްޤު ކުރެއްވުމާއި އަދި އިންސާނީ ދަރިފަސްކޮޅު ފެށިގެން އައިސް އިބްރާހީމްގެފާނުގެ ޒަމާނާއި ހަމައަށެވެ. މާތްﷲ ޚަލްޤު ކުރެއްވި އެންމެހާ ތަކެއްޗެއް އެކަލާނގެ ޚަލްޤު ކުރެއްވީ ހެޔޮ ގޮތުގައެވެ. ނަމަވެސް އެންމެ ފުރަތަމަ ޚަލްޤު ކުރެއްވި ދެ އިންސާނުން ކަމުގައިވާ އާދަމްގެފާނާއި ޙައްވާގެފާނު އެކަލާނގެ ކިބަފުޅަށް އުރެދިވަޑައިގެންނެވުމަށް ފަހު، މި ދުނިޔެއަށް ފަސާދަ ވެރިކަން ގެނައެވެ. އަދި އިންސާނުން ނުހަނު ބޮޑަށް ފާފަވެރި ބައެއްގެ ގޮތުގައިވިއެވެ. ކަންމިހެން ހުރުމާއެކު މާތްﷲ ފައިސަލާ ކުރެއްވީ ނޫޙުގެފާނާއި އެކަލޭގެފާނުގެ އާއިލާ ފިޔަވައި އެހެނިހެން މީސްތަކުންގެ މައްޗަށް ފެނުގެ ތޫފާނެއް ކުރިމަތި ކުރައްވައި އެ އެންމެތަކުން މަރުވެ ދިޔުމަށެވެ. ނޫޙުގެފާނާއި އެކަލޭގެފާނުގެ އާއިލާ އަޅުކަން ކުރެއްވީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. ވުމާއެކު، އެބައިމީހުން ސަލާމަތް ކޮށްދެއްވުމަށްޓަކައި ބޮޑު ނަވެއް ބެންނެވުމަށް މާތްރަސްކަލާނގެ ނޫޙުގެފާނަށް ވަޙީ ކުރެއްވިއެވެ. އަދި އެކަލާނގެ ޚަލްޤު ކުރެއްވި އެންމެހާ ތަކެތީގެ ތެރެއިން އެހެނީ ކޮންމެ ޖަނަވާރަކުންނާއި ދޫނި ސޫފާސޫތްޕަކުންނާއި އެހެނިހެން ޚަލްޤު ކުރެއްވުން ތަކުންޖޯޑެއް ނަވަށް އެރުވުމަށް ވެސް އެކަލާނގެ ވަޙީކުރެއްވިއެވެ. ފެނުގެ ތޫފާނަށް ފަހު ދުނިޔޭގެ ތެރެއަށް މާތްރަސްކަލާނގެ މީސްތަކުން ފެތުރުއްވިއެވެ. އަދި އެބައިމީހުން މާތްﷲގެ ކިބަފުޅަށް އަޅުކަން ކުރެއްވުމުގެ ބަދަލުގައި އެބައިމީހުންގެ އަމިއްލަ ކަލާނގެތަކަށް އަޅުކަން ކުރަންފެށިއެވެ.
މި ފޮތުގެ 12 ވަނަ ބާބުން 50 ވަނަ ބާބަށް ބަޔާންވެގެން ވަނީ އިބްރާހީމްގެފާނާއި އަދި އެކަލޭގެފާނުގެ އާއިލާގެ ޚަބަރުފުޅުތަކެވެ. މާތްރަސްކަލާނގެ އެކަލާނގެ ޚާއްސަކުރައްވާއި ޚިޔާރު ކުރައްވާފައިވާ މީސްތަކުންގެ ފެށުމަށްޓަކައި އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ އާއިލާ މާތްﷲ ޚިޔާރު ކުރެއްވިއެވެ. އިބްރާހީމްގެފާނާއި ސާރާގެފާނަށް ދަރިކަލަކު ލިބިވަޑައިގެން ނުވުމާއިއެކުގައި ވެސް އެ ދެކަނބަލުންނަށް ދަރިކަލަކު ލިބިވަޑައިގަންނަވާނެ ކަމުގައި މާތްﷲ ވަޢުދުވެ ވޮޑިގެންނެވިއެވެ. އަދި އެބައިމީހުންގެ ދަރިފަސްކޮޅަށް އެއްދުވަހަކުން އަމިއްލަ ބިމެއް މިލްކުވެގެންވާނެ ކަމުގައާއި އަދި އެބައިމީހުންނީ އެންމެހާ ޤައުމުތަކެއްގެ މައްޗަށް ބަރަކާތެއް ކަމުގައި ލައްވާނެ ކަމުގައި މާތްރަސްކަލާނގެ ވަޢުދުވެ ވޮޑިގެންވިއެވެ.
އިބްރާހީމްގެފާނާއި ސާރާގެފާނު ކަންޢާނުއަށް ވަޑައިގެންނެވިއެވެ. އެ ބިމަކީ އިބްރާހީމްގެފާނުގެ ދަރިފަސްކޮޅަށް ދެއްވުމަށް މާތްރަސްކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ބިން ވެސްމެއެވެ. މާތްރަސްކަލާނގެ ވަޢުދުވެވޮޑިގެންނެވި ފަދައިން އިބްރާހީމްގެފާނާއި ސާރާގެފާނު ޢަޖޫޒު އުމުރުފުޅުގައި ފިރިހެން ދަރިކަލަކު ލިބިވަޑައިގަތެވެ. އަދި އެ ދަރިކަލުންގެ ނަންފުޅަކަށް އިސްޙާޤުގެފާނު ކަމުގައި ވިދާޅުވިއެވެ. އިސްޙާޤުގެފާނަށް ދެ ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އެއީ ޢީސޫ އާއި ޔަޢުޤޫބުގެފާނެވެ. މި ފޮތް ނިންމާލާފައި ވަނީ ޔަޢުޤޫބުގެފާނުގެ 12 ދަރިކަލުންނާއި އެބައިމީހުންގެ އާއިލާ މިޞްރުގައި ދިރިއުޅުއްވަމުން ގެންދެވި ހިސާބުންނެވެ. މީގެތެރެއިން އެއްދަރިކަލެއް ކަމުގައިވާ ޔޫސުފުގެފާނު މިޞްރުގެ އަމީރެއްގެ ގޮތުގައި ވިއެވެ. ނަމަވެސް އެކަލާނގެ ޚާއްސަކުރައްވާފައި ޚިޔާރު ކުރައްވާފައިވާ މީސްތަކުންނަށް ވަޢުދުވެ ވޮޑިގެންނެވި ބަސްފުޅު ކޮންމެވެސް ދުވަހުން އެކަލާނގެ ފުރިހަމަ ކުރައްވާނެކަން ޔޫސުފުގެފާނު ދެނެވަޑައިގެންވިއެވެ.
ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެން މިވަނީ ނިޔާވުމާއި ދާދި ކައިރީގައި. ނަމަވެސް މާތްﷲ ތިޔަބައިމީހުންނާއި މެދުގައި ބައްލަވާ ވޮޑިގެންވެ، ތިޔަބައިމީހުން މި ރަށުން ނެރުއްވައި އިބްރާހީމްގެފާނަށާއި، އިސްޙާޤުގެފާނަށާއި އަދި ޔަޢުޤޫބުގެފާނަށް އެކަލާނގެ ދެއްވުމަށް ވަޢުދުވެ ވޮޑިގެންނެވި ބިމަށް އެކަލާނގެ ތިޔަބައިމީހުން ގެންދަވާނެ.“ (ފެށުން 50 ވަނަ ބާބުގެ 24 ވަނަ އާޔަތް)
މި ފޮތް އެކުލެވިގެން ވަނީ:
ޚަލްޤު ކުރެއްވުން (1:1—2:25)
ފާފައިގެ ފެށުން އަދި ފުރަތަމަ ގަތުލު (3:1—4:16)
ފެނުގެ ތޫފާނުގެ ކުރީގައި އާދަމްގެފާނުގެ ދަރިފަސްކޮޅު (4:17—5:32)
ނޫޙުގެފާނާއި ފެނުގެ ތޫފާނު (6:1—9:28)
ނޫޙުގެފާނުގެ ދަރިފަސްކޮޅާއި ބާބިލުގައި ބިނާ ކުރެވުނު ބުރުޒު (10:1—11:32)
މާތްﷲ އިބްރާހީމްގެފާނު ޚިޔާރު ކުރެއްވުން (12:1-20)
އިބްރާހީމްގެފާނާއި ލޫޠުގެފާނު (13:1—14:24)
މާތްﷲ އިބްރާހީމްގެފާނަށް ވެވަޑައިގެންނެވި ވަޢުދުފުޅު (15:1-21)
އިބްރާހީމްގެފާނާއި ހާޖަރު އަދި އިސްމާޢީލްގެފާނު (16:1-16)
މާތްﷲ އިބްރާހީމްގެފާނުގެ ނަންފުޅު އަބްރާމް އިން އިބްރާހީމްއަށް ބަދަލު ކުރައްވައި އެކަލޭގެފާނަށް ފިރިހެން ދަރިކަލަކު ދެއްވާނެ ކަމުގެ ވަޢުދުބަސްފުޅު (17:1—18:15)
އިބްރާހީމްގެފާނާއި ލޫޠުގެފާނާއި އަދި ސަދޫމު އާއި ޢަމޫރަތު (18:16—19:38)
އިބްރާހީމްގެފާނާއި ސާރާގެފާނު އަދި އިސްޙާޤުގެފާނު (20:1—23:20)
އިސްޙާޤުގެފާނު ރިފްޤާ އާއި ކައިވެނި ބައްލަވައިގަތުން (24:1-67)
އިބްރާހީމްގެފާނު އަވަހާރަވުން (25:1-18)
އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ އާއިލާ (25:19—28:9)
ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ އާއިލާ (28:10—29:35)
ޢީސޫ އާއި އޭނާގެ އާއިލާ (36:1-43)
ޔޫސުފުގެފާނުގެ ބޭބެމެން އަޅުކުއްޖެއްގެ ގޮތުގައި ޔޫސުފުގެފާނު ވިއްކާލެއްވުން (37:1-36)
ޔަހޫޛާ އާއި ތާމާރު (38:1-30)
ޔޫސުފުގެފާނު މިޞްރުގައި (39:1—41:57)
ޔޫސުފުގެފާނާއި އެކަލޭގެފާނުގެ އަޚުން (42:1—45:28)
ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ އާއިލާ މިޞްރަށް ވަޑައިގަތުން (46:1—47:31)
ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އާއިލާއަށް ބަރަކާތްލެއްވުމަށް އެދި ދެންނެވުން އަދި އެކަލޭގެފާނު އަވަހާރަވުން (48:1—50:14)
ޔޫސުފުގެފާނު އަވަހާރަވުން (50:15-26)